ޚަބަރު
ބޭންކް ލޯނެއް ނުދައްކައިގެން މެންބަރު ޝަމްހީދުގެ މައްޗަށް ހުކުމެއް
މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހި ނުދައްކައި އޮތް މައްސަލައެއްގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނޭހެން ބައެއް ފަރާތްތަކާ ދެކޮޅަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އޭނާގެ މަޖިލިސް ގޮނޑި ގެއްލުމުގެ ގާނޫނީ ނުރައްކަލާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި އިއްޔެ ހުކުމް އިއްވާފައިވަނީ، އެމްއައިބީން ދޫކުރި 500،000 އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން އެ ބޭންކުން ހުށަހެޅި މައްސަލައެއްގައެވެ. މި މައްސަލައިގައި ދައުވާކޮށްފައިވަނީ ކަމާގުޅުންހުރި ދެ ކުންފުންޏެއްގެ އިތުރުން، އެ ފެސިލިޓީއަށް ޒިންމާވާންޖެހޭ އަމިއްލަ ފަރުދުންގެ މައްޗަށެވެ. މީގެ ތެރޭގައި މެންބަރު ޝަމްހީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ، ފެސިލިޓީގެ ދަށުން ނުދައްކައި އޮތް 244,826.52 ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޑޮލަރާއެކު، ޖުމްލަ 281,474.28 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ދިވެހި ރުފިޔާ) އެމްއައިބީއަށް ދައްކައި ހަލާސްކުރުމަށެވެ. އަދި މި ފައިސާއަކީ ޝަމްހީދު ވެސް ހިމެނޭ ގޮތަށް، ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.
މި ހުކުމާ ގުޅިގެން ޝަމްހީދުގެ މެންބަރުކަމުގެ ގޮނޑިއާމެދު ސުވާލު އުފެދެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހެދިއެވެ. އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެއެވެ. އެހެންކަމުން، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި އެ ފައިސާ ދެއްކުމުގައި އިހުމާލުވެއްޖެނަމަ، ޝަމްހީދުގެ ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ޝަމްހީދުގެ މައްޗަށް މިފަދަ ހުކުމެއް އައިއިރު، އޭނާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި، ކެމްޕޭން ހަރަކާތްތައް ވެސް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ.
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް ވަނީ ދަރަނީގެ މައްސަލައެއްގައި މެންބަރެއްގެ ގޮނޑި ގެއްލިފައެވެ. އެގޮތުން، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުނީ، އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން ހިތަދޫ ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އަމަލުނުކުރުމުންނެވެ. އެ މައްސަލަ ސިނާނުގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި، އެ ރަށު ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމްގެ މައްޗަށް ވެސް ރައްދުވިއެވެ.
އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި، އެ ކޯޓުން މިދިޔަ އޭޕްރިލް މަހު ނިންމީ ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށާއި ހުކުމާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަވަމުން ގެންދެވިކަން ސާބިތުނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
އޭގެ ފަހުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރަން ފުރަތަމަ ސިނާން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، ފަހުން ވަނީ ނަން އަނބުރާ ގެންދަވާފައެވެ. އެހެންވެ، ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ. ނަމަވެސް، ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި އެ ގޮނޑި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.