ޚަބަރު
ހއ. އުލިގަމުގައި އަޅާ އިމިގްރޭޝަން އޮފީސް އިމާރާތުގެ ކޮލަމް ކޮންކްރީޓް މަސައްކަތްތައް ފަށައިފި
އުލިގަމުގައި އަޅާ އިމިގްރޭޝަން އޮފީހުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހއ. އުލިގަމުގައި އަލަށް އިމާރާތްކުރާ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތުގެ ކޮލަމް ކޮންކްރީޓް އެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، އާންމު އުމްރާނީ ވަސީލަތްތައް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އުލިގަމުގައި އިމިގްރޭޝަން އޮފީސް އިމާރާތް ކުރުމުގެ ރަސްމީ އެއްބަސްވުމުގައި އެމްޓީސީސީއާއި އިމިގްރޭޝަނާ ދެމެދު ސޮއިކޮށްފައިވަނީ 2025 މާރިޗު 27 ގައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ސޮއިކުރެއްވި އިރު، އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އަހުމަދު ފަސީހެވެ.
މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ދެމުން އަންނަނީ އެމްއެންޑީއެފް އިމާރާތުގެ ކުޑަ ޖާގައެއްގައި އެންމެ ދެ އޮފިސަރުންނެވެ. މިގޮތުން މިހާރު ދެވެނީ ހަމައެކަނި ސީޕޯޓް ކްލިއަރެންސްގެ އަސާސީ ޚިދުމަތްތައް ކަމަށްވާއިރު، އާ އިމާރާތާއެކު ޕާސްޕޯޓާއި ވިސާގެ ފުރިހަމަ ޚިދުމަތްތައް ރަށުން ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ މައިގަނޑު އެއް ބޭނުމަކީ ކޮންމެ އަހަރަކު ސައުތު އީސްޓް އޭޝިއާއިން ޔޫރަޕަށް ދަތުރުކުރާ މަގުމަތީގައި އުލިގަމުގައި ބަނދަރުކުރާ 100 އާއި 150 އާ ދެމެދުގެ ބޭރުގެ ޔޮޓްތަކަށް އަވަސް އަދި ފުރިހަމަ ޚިދުމަތްތަކެއް ދިނުމެވެ. މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތްތަކަށާއި، އެމްޕީއެލްއިން ތަރައްގީކުރަން ރާވާފައިވާ ޔޮޓް މެރީނާއަށް މި އިމާރާތުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިވަގުތު ސައިޓުގައި ކުރިއަށްދަނީ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ ތައްޔާރީތަކެވެ. މި މަސައްކަތް ނިމުމުން ކޮލަމްތަކަށް ކޮންކްރީޓް އެޅުމާއި، އިމާރާތުގެ މަތީ ފްރޭމް އަދި ރޭނުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.