ޚަބަރު
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ހުށައަޅައިފި
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ނަން އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ، މިހާރު އެ މަޤާމުގައި ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވާފައެވެ. އަދި މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށް ފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އެ މަޤާމަށް އޭނާ އެންމެ ފުރަތަމަ ޢައްޔަންކުރެއްވީ 22 ޖުލައި 2014 ގައެވެ. އަދި އެ މަޤާމުގައި އޭނާ 22 ޖުލައި 2019 އާ ހަމައަށް ޚިދުމަތް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރިން އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަންޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން ބޭފުޅެކެވެ.