ޚަބަރު
އިންސާނުންގެ އެންމެ މަތިވެރި އިންސާނީ ޒީނަތްތެރިކަމަކީ އަދި އައްޑަނައަކީ މަކާރިމުލްއަޚްލާޤް: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
އިންސާނުންގެ އެންމެ މަތިވެރި އިންސާނީ ޒީނަތްތެރިކަމަކީ އަދި އައްޑަނައަކީ މަކާރިމުލްއަޚްލާޤު ކަމަށާއި، ޤައުމެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ އަޚްލާޤާއި ޑިސިޕްލިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމީ ދުވަހުގެ ބަޠަލްގެ ކާމިޔާބު ޙަޔާތްޕުޅުން ވެސް އަދި މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކުން ވެސް އަޅުގަނޑުމެންނަށް ފެންނަ އިންސާނީ މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤު ކަމަށެވެ.
އަދި ޤައުމެއްގެ ނިސްބަތުގައި އަޚްލާޤުގެ މާނަ ވަރަށް ތަނަވަސްވެފައި ފުޅާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާއިލީ ނިސްބަތުގައި އެއީ އެކަކު އަނެކަކަށް އޮންނަންޖެހޭ އިޙްތިރާމާއި ކުލުނު ކަމަށާއި، މުޖުތަމަޢުގެ ނިސްބަތުގައި އެއީ އިޖުތިމާޢީ އަގުތަކަށް ފަރުވާތެރިވުމާއި ވަގުތަށް ފަރުވާތެރިވުން ކަމަށެވެ. އަދި ޤައުމީ ނިސްބަތުގައި އެއީ އުސޫލުތައް ދެމެހެއްޓުމާއި، އިދާރީ ޤައުމީ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ތެރެއިން ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިޖުތިމާޢީ އަގުތައް ޙިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއް ހަނދާންކޮށްދެއްވާފައެވެ.
އެކަކު އަނެކަކަށް ލޯބިވުމާއި، އޯގާތެރިވުމާއި، ކުލުނުވެރިކަމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލޭ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭނެއް އުފެދިއްޖެނަމަ، ހޭލާ ހުރުމާއި ހުންއައުމުގައި، އެ މުޅި ހަށިގަނޑު ބައިވެރިވެޔޭ.
ރަސޫލާގެ އިރުޝާދުފުޅު ނަކަލުކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމީ މަޝްހޫރު ފަލްސަފާވެރިޔާ އިބްނު ޚަލްދޫންގެ ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އިންސާނީ ތަހުޒީބާއި އާބާދީ ފުރިހަމަވެ، ސީދާވެގެންދަނީ އަޚްލާޤާއި ޢަދާލަތުގެ މައްޗަށް ބިނާވެގެންވާ، އެއްބާރުލުމާއި އެއްބައިވަންތަކަމުން ކަމަށެވެ. އަދި އަޚްލާޤު ރޫޅި، އަގުތައް ފަސާދަވެއްޖެނަމަ، ތަހުޒީބަށް އުނިކަން އައިސް، ދައުލަތް ނެތިހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް އެދިވަޑައިގަތީ، މިފަދަ ސަބަބުތަކަށްޓަކައި ޤައުމީ ދުވަހުގައި މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގަންނުވައި، އަޚުލާޤީ އަގުކުރުންތައް އާލާކުރުމުގެ ޢަޒުމު ކަނޑައެޅުމަށެވެ. އަދި އެކަކު އަނެކަކަށް ޤަދަރުކުރާ، އިޙްތިރާމްކުރާ، އެއްބައެއްކަމުގެ އިޙްސާސް ދިވެހި އުންމަތުގައި ދިރުވުމަށް އެންމެން އަތުކުރި އޮޅާލުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.