ޚަބަރު
ލާމު އަތޮޅުގައި 3ވަނަ އެއަރޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތް: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ލާމު އަތޮޅުގައި ތިންވަނަ އެއަރޕޯޓެއް އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށާއި، އެ އަތޮޅުގައި ތަރައްޤީކުރާނީ ދެ އެއަރޕޯޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގައި އެއަރޕޯޓެއް އެޅުމާ ގުޅޭގޮތުން ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދަކީ ލާމު އަތޮޅުގައި ދެ އެއަރޕޯޓް އެޅުން ކަމަށެވެ. އެގޮތުން މިހާރު އޮތް ކައްދޫ އެއަރޕޯޓް ބޮޑުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ދެވަނަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާނީ އިސްދޫ-ކަލައިދޫ ސަރަޙައްދުގައި އެޅުމަށް ނިންމާފައިވާ އެއަރޕޯޓް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާވަށު ދާއިރާގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާވަށުގެ ތަރައްޤީއަށްޓަކައި ވެފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދަވާނެ ކަމަށެވެ. "މާވަށު ދާއިރާގައި މި ދެން ހަމަ ދަންނަވަން ބޭނުންވަނީ މާވަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދެއްހެން އިރާދަކުރެއްވިއްޔާ އެބަ ހިނގައޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މާވަށު ދާއިރާއާއި ލާމު އަތޮޅުގެ ކޮންމެ ރަށަކަށްވެސް ވެފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް މިއަހަރާއި އަންނަ އަހަރުގެ ތެރޭގައިވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. މާވަށުގައި އެއަރޕޯޓް ނާޅައި އިސްދޫގައި އެއަރޕޯޓް އަޅަން ނިންމުމާ ގުޅިގެން މާވަށު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ.