ޚަބަރު
ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމުން ޝަކީލް އިސްތިއުފާ ދެއްވައިފި
މުޙައްމަދު ޝަކީލް. ފޮޓޯ: ޙައްޖު ކޯޕަރޭޝަން
އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވުމާ ގުޅިގެން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުޙައްމަދު ޝަކީލު އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވިދާޅުވީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމުން ވަކިވުމަށް ޝަކީލު ހުށަހަޅުއްވާފައިވާތީ، އެކަން ޤަބޫލުކޮށް އޭނާ މިހާރު މަޤާމުން ވަކިކުރައްވާފައިވާ ކަމަށެވެ. ޝަކީލް ޙައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވީ 29 ނޮވެންބަރު 2023 ގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަދު ބޭއްވި ޖަލްސާގައެވެ. މަޖިލީހުން މިގޮތަށް ނިންމީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝަކީލަށް ރުހުން ދޭން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ފުއާދު ތައުފީޤުގެ ދައުރު ހަމަވުމާއި، މެންބަރު މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަކީލަކީ މީގެ ކުރިންވެސް އެ ކޮމިޝަންގެ މެންބަރުކަމާއި ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އޭނާ ވަނީ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިވަގުތު އެ ކޮމިޝަންގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ކޮމިޝަންގެ ރައީސަކު އައްޔަންކުރާނީ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.