ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޗައިނާއަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު އިރުތިޝާމް. ފޮޓޯ: ރައީސް އޮފީސް
ޗައިނާގެ ކުންމިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ފޯރަމްތަކެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މި މަހުގެ 11 އިން 12 އަށް ކުރިއަށްދާ 7 ވަނަ ޗައިނާ–ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން 7 ވަނަ ޗައިނާ–ދަ ސައުތު އޭޝިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ރަސްމިއްޔާތުގައި ކީނޯޓް އެޑްރެސް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމާއި އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
މީގެ އިތުރުން، ވަޒީރުގެ މި ދަތުރުފުޅުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔުނާންގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެކުދިންގެ ހާލަތު ބެއްލެވުމަށްވެސް ވަނީ ނިންމަވާފައެވެ.
ޚާރިޖީ ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި ޚާރިޖީ ވުޒާރާގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ހިމެނިވަޑައިގަންނަވައެވެ.