ޚަބަރު
ސަފާރީއަކުން ފީނަން ފޭބި 4 މީހަކު ގެއްލި އެކަކު މަރުވެއްޖެ
ފުލުހުންގެ މައި އިދާރާ. ފޮޓޯ: މިހާރު
ވ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ފޭބި ފަސް މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މެއި 14 ވަނަ ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކު ވަނީ ފެނިފައެވެ. ނަމަވެސް ފެނުނުއިރު އެ މީހާ ވަނީ މަރުވެފައި ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. ހަމައެއާއެކު ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ މިހާދިސާގައި ބާކީ ނުފެނި ތިބީ އިޓަލީއަށް ނިސްބަތްވާ 4 ފަތުރުވެރިންނެވެ. އަދި މަރުވެފައިވާ މީހާއަކީވެސް އިޓަލީގެ ފަތުރުވެރިއެއްކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ނިޔާވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުންދާނެ ކަމަށެވެ.