ޚަބަރު
ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް، ވަޒީފާ އަށް ފަރުވާކުޑަ މީހުން ދަނީ ވަކިކުރަމުން
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު). ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެމަސައްކަތް ކުރިއަށް ދާކަމަށް ވަޒީފާއަށް ފަރުވާކުޑަ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގައި ބޭއްވި "ޕްރެސަ ވިތު ދަ ސްޕޯކްސް" ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ އިންތިގާލީ މަރުހަލާގައި ހިފި އަމާޒެއް ކަމަށެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މުންދު ވިދާޅުވީ، ވުޒާރާތަކުގެ އަދަދާއި، ވެރިން އަދި މެންޑޭޓަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތަށް ސިޔާސީ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މަދުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕާފޯމަންސް ދަށް މުވައްޒަފުން ވަކިކުރުން
މި މަސައްކަތުގެ ތެރެއިން ވަޒީފާއަށް ފަރުވާ ކުޑަކުރުން ފަދަ ޕާފޯމަންސް ދަށް ބޭފުޅުން މަގާމުން ވަކިކުރަމުންދާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި އެހެން ވުޒާރާއަކަށް ބަދަލުކޮށްގެން ފައިދާވާނެ ނަމަ އެ ބަދަލުތައް ވެސް ގެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖުމްލަ ނަތީޖާއަކަށް ވެގެން ދާނީ އަދަދު މަދުވުމޭ. މިހާރު އެއް ކަމަކަށް މަސައްކަތްތައް އެބަދޭ ސިޔާސީ މަގާމުތަކުގެ އަދަދު މަދުވުމުގެ،" ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މަގާމުތައް ވެސް ތިންބައިކުޅަ އެއްބައި މަދުކުރުމަށް އަންގަވާފައިވާ ކަމަށާއި، އޭގެ ސަބަބުން ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ މަގާމުތައް ވެސް ބޮޑުތަނުން މަދުވެގެންދާނެ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ހާމަނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ނިމުމުން ސީދާ އަދަދު އެނގޭނެ ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ، މިދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް މުވައްޒަފުންގެ އަދަދު މަދުވެފައިވާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑަށް އެނގޭ ނަމަވެސް އަދަދެއް ދަންނަވައިފިއްޔާ ތިޔަބޭފުޅުން ރިޕޯޓު ކުރައްވާއިރު މާދަމާ އެ އަދަދެއް މަދުވެފައި އިނދެދާނެ،" އޭނާ ވިދާޅުވިއެވެ. ސިޔާސީ މުވައްޒަފުން މަދުކޮށް ނިމުމުން، އާރުޓީއައިއެއް ހުށަނާޅާ ވެސް އެ އަދަދުތައް އާންމުންނަށް ސާފުވާނެ ކަމުގެ ޔަގީންކަން ތަރުޖަމާން ދެއްވިއެވެ.