ޚަބަރު
ސެޕްޓެމްބަރު މަހު އައިޔޫއެމް ސަނާބިލް އިމާރާތް ހުޅުވަނީ
އައިޔޫއެމް ސަނާބިލް އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ހުޅުމާލޭގައި ތަރައްޤީކުރާ "ސަނާބިލް" އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައި، މިއަހަރުގެ ސެޕްޓެމްބަރު މަހު އެ އިމާރާތް ހުޅުވުމަށް އަމާޒު ހިފައިފިއެވެ.
މި އިމާރާތަކީ 2004 ވަނަ އަހަރު ކުއްލިއަތުލް ދިރާސަތުލް އިސްލާމިއްޔާ އުފެދުނީއްސުރެ، އެ މުއައްސަސާއަށް ނިސްބަތްކޮށް ބިނާކުރާ ފުރަތަމަ އަމިއްލަ އިމާރާތެވެ.
ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ތަރައްޤީކުރާ މި އިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ކޮންކްރީޓްގެ 96 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. މިއީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 60 އިންސައްތަ ކުރިއެރުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ، ކުރިން 7 ފަންގިފިލާއަށް ނިންމާފައި އޮތް ނަމަވެސް، މިހާރު މި އިމާރާތް 8 ފަންގިފިލާއަށް އުސްކުރަން ނިންމާފައިވާ ކަމަށެވެ. "8 ފަންގިފިލާއަށް ތަރައްޤީކުރުމަށް ނިންމީ ޔުނިވަރސިޓީން ޚަރަދުކޮށްގެން އާމްދަނީ ހޯދުމަށް ކުރިއަށްގެންދާ މަޝްރޫޢުއަކަށްވީމަ. އެޗްޑީސީން ހުއްދަ ލިބުމާއެކު އެ މަސައްކަތް ކުރަމުންދަނީ. މި ތަނަކީ ދިގުމުއްދަތަކަށް އާމްދަނީ ލިބޭނެހެން ތަރައްޤީ ކުރާ ތަނެއް،" އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، ކޮންކްރީޓް މަސައްކަތް ނިމުމާއެކު ދެން ކުރިއަށްދާނީ ލިފްޓް ހަރުކުރުމާއި، ކުލަލުމާއި އެހެނިހެން ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. ކުރިން ޖުލައި މަހަށް މަސައްކަތް ނިންމަން އަމާޒުކުރި ނަމަވެސް، ގެނެވުނު ބަދަލުތަކާއެކު މިހާރު މަސައްކަތް ކުރަމުންދަނީ ސެޕްޓެމްބަރު މަހަށް އިމާރާތް ހުޅުވުމަށެވެ.
އިސްލާމިކް ފައިނޭންސްގެ ތާރީޚީ މަޝްރޫޢެއް
ސަނާބިލް މަޝްރޫޢަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލް ބޭނުންކޮށްގެން އިމާރާތެއް ބިނާކުރުމަށް ހިންގޭ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢަށް ފައިސާ ހޯދުމަށް ހުޅުވާލި ޞުކޫކް ސަބްސްކްރައިބްކޮށްފައިވަނީ ބީ.އެމް.އެލް އިސްލާމިކް އިންނެވެ. މިއީ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމަށް ބިނާކުރާ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެކެވެ.
މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމްގެ އިތުރުން ކޮމާޝަލް ޕާކިންގ ޖާގަތައް ހިމެނޭނެއެވެ. އޯކް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ހުޅުމާލެއިން ބިން ރެޖިސްޓްރީ ކުރީ 2019 ވަނަ އަހަރުއެވެ. އަދި އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.