ޚަބަރު
މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފެށުން. ފޮޓޯ:ޕީއެސްއެމް
ރ. މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، މާކުރަތު ކައުންސިލްގެ މެންބަރުންނާއި، އެރަށު ޞިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް ޓީމާ (އެސްއެމްޓީ) ބައްދަލުކުރައްވައި، މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މާކުރަތުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން ޓެސްޓުތައް ހެދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން އުފުލަންޖެހުނު ތަކުލީފުތަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. މި ޚިދުމަތުގެ ސަބަބުން ރަށުގައި ތިބެގެން ލޭ އެޅުމުގެ ޚިދުމަތާއި، އާންމު ޓެސްޓުތައް ހެދުމުގެ ފުރުޞަތު ފަހިވެ، ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެއެވެ.
ޞިއްޙީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ލެބޯޓަރީގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް ދުރާލައި ދެނެގަތުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން ޑެންގޫ ފަދަ ގައިންގަޔަށް އަރާ ބަލިތަކާއި، މާބަނޑު މީހުން ހަދަންޖެހޭ ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތައްވެސް ދެން އެރަށުން ހެދޭނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ލެބޯޓަރީ ނެތް 76 ރަށެއްގައި މި ޚިދުމަތް ފެށުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މާކުރަތަކީ މި ޚިދުމަތް އަލަށް ފެށުނު 18 ވަނަ ރަށެވެ.