ޚަބަރު
ހޫނުފެނަށް ވެއްޓުމުން ކުރީގެ ވަޒީރު ޝާހިދު މަޢާފަށް އެދިވަޑައިގެންފި
ކުރީގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު
ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން، ލޯފަން މީހުންނަށް ބަދުބަސް ރައްދުވާ ކަހަލަ މޭރުކަމުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތަކަށް އޭނާ މިއަދު މައާފަށް އެދިވަޑައިގެންފިއެވެ. ޝާހިދު މިކަމަށް މައާފަށް އެދިވަޑައިގެންފައިވަނީ އޭނާގެ ވާހަކަތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އެމްޑީޕީން އިއްޔެ ގދ. ތިނަދޫ ސިޓީގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މެނިފެސްޓޯގައި ލިޔެގެން، އޭގެން ކަންކަން ތަރުތީބުކޮށްގެން، ހިސާބު ޖަހައިގެން ކަން ކުރުމަކީ މި ސަރުކާރަށް އެނގޭ ކަމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރު ދަނީ ލާހޫރެމުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޝާހިދުގެ ވާހަކައިގައި ބޭނުންކުރެއްވި މިސާލަކީ "ކަނަކު އިޝާ ނަމާދަށް ދާހެން، މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މި އޮތީ" މިފަދައިންނެވެ. އޭނާ އިތުރަށް ވިދާޅުވީ ގައުމު ހިންގުމަކީ މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބު ކިތާބު ޖަހައިގެން ކަން ކުރުން ކަމަށާއި، ނަމަވެސް މި ސަރުކާރަށް އެކަން ނޭނގޭ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށެވެ. "އެހެން ނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެން،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްބަހެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލުމުގައި އެންމެހާ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވަނީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކުގެ އަރިހުން ދީލަތި މައާފަކަށް ދެވަނަ ފަހަރަށް ވެސް އެދިވަޑައިގެންފައެވެ.