ޚަބަރު
ބްލައިންޑް އެސޯސިއޭޝަންގެ ރަޢީސް ޝަރީފް ކުރީގެ ވަޒީރު ޝާހިދަށް ވަރުގަދަ ރައްދެއް ދެއްވައިފި
ކުރީގެ ވަޒީރު ޝާހިދު އަދި ބްލައިންޑް އެސޯސިއޭޝަންގެ ރައީސް ޝަރީފް
މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވުމާ ގުޅިގެން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް ހުސައިން ޝަރީފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެމްޑީޕީން ގދ. ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުން އެއީ ގައުމެއް ހިންގުން ކަމަށް މި ސަރުކާރަށް ނޭނގޭ ކަމަށެވެ. ޝާހިދު ސިފަކުރެއްވި ގޮތުގައި މި ސަރުކާރު ދަނީ އެއްވެސް މިސްރާބެއް ނެތި ލާހޫރެމުންނެވެ.
ޝާހިދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ހުސައިން ޝަރީފް ވިދާޅުވީ، ލޯފަން މީހުން ނަމާދަށް ދަނީ ލާހޫރެމުން ނޫން ކަމަށެވެ. "ކަނަކު އިޝާ ނަމާދަށް ދާއިރު، އެހެން ނަމާދަކަށް ދިއުމަށް ނުކުރާ ކޮން ކަމެއްތޯ ތަފާތުކޮށް ކުރަނީ؟ އަޅުގަނޑުމެން އިޝާ ނަމާދަށް ވިޔަސް، ނުވަތަ އެހެން ނަމާދަކަށް ވިޔަސް ދަނީ ލާ ހޫރެމުންނެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު ކުރި ކަމަކަށް ވީނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނިސްބަތްކޮށް މިފަދަ ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ދަށު ދަރަޖައަކަށް ވިސްނުން ހުންނަނީ މިއަދުގެ ތަހުޒީބީ ދުނިޔެއަށް ލޯ ނުހުޅުވޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، اللهގެ ރަހުމަތާއެކު މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އިޝާ ނަމާދަށް ދަނީ އެފަދަ ފުރައްސާރަކުރާ ފަރާތްތަކަށްވުރެ މާ "ސްމާޓް" ކޮށް ކަމަށެވެ.
ޝަރީފް ވަނީ ޝާހިދުގެ ބަހުގެ ހަމަލާއަށް އިޝާރާތްކޮށް ސުވާލެއްވެސް ކުރިމަތިކުރުވާފައެވެ. "اللهގެ ރަހުމަތުން ފެނުމާއި އިވުން ލިބިފައިވާ އެތައް ބަޔަކަށް، މިސްކިތްތައް ނުފެނި ބަންގީގެ އަޑު ނީވުމަކީ މާ ބޮޑު ނުކުޅެދުންތެރިކަމެއް ނޫންތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
ރައްޔިތުމީހާ
29/03/2026 19:13
ސާބަސް ޝަރީފު ވަރަށްވެސް ފުރިހަމަ ބަލާޤާތްތެރި ބަސްކޮޅެއް ޝަރީފު ތިޔަވިދާޅުވީ