Ads by PNC

ޚަބަރު

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޞިއްޙީ ސިޔާސަތުތައް ތަންފީޒުކުރަނީ ރަށުގެ އާބާދީއަށް ބެލުމެއް ނެތި: ވަޒީރު ނާޡިމް

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޞިއްޙީ ސިޔާސަތުތައް ތަންފީޒުކުރަނީ ރަށުގެ އާބާދީއަށް ބެލުމެއް ނެތި: ވަޒީރު ނާޡިމް

ޞިއްޚީ ވަޒީރު ނާޡިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 މާރިޗު 2026، 02:34

29 މާރިޗު 2026، 02:34

ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޞިއްޙީ ސިޔާސަތުތައް ތަންފީޒުކުރަމުންދަނީ ރަށުގެ އާބާދީއަށް ބެލުމެއް ނެތި، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ނާޡިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާގެ ކަންކަން ކުރިއަށް ގެންދަނީ ލާމަރުކަޒީ އުސޫލުން ކަމަށާއި، މި ދައުރު ނިމޭއިރު ޞިއްޙީ ދާއިރާ މުޅިން އައު މިސްރާބަކަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި މިފަދަ ހަރުދަނާ ސިޔާސަތެއްގައި ދެމިތިބުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ މިސާލެއްގެ ގޮތުން، ރަށްރަށުގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމްކުރުމަށް ކުރާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު އައިފަހުން މިހާތަނަށް 10 ރަށެއްގައި ޑައިލިސިސް ޚިދުމަތް އަލަށް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ރަށްރަށުގައި މި ޚިދުމަތް ޤާއިމްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ބޮޑެތި އާބާދީތަކުގައި މި ޚިދުމަތް ލިބެން ހުރުމާއެކު މެދުފަންތީގެ އާބާދީތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމާއި، އަދި ޚާއްސަކޮށް މި ޒާތުގެ ބަލިތައް އިތުރުނަމަ މިތަންތަނަށް އިސްކަން ދީގެން މަސައްކަތް ކުރައްވާނީ،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކަނޑުދަތުރުކޮށްފައި ދިއުމުގެ ބަދަލުގައި އަމިއްލަ ރަށުން ނުވަތަ ކައިރި ރަށަކުން ލުއިފަސޭހަކޮށް ޚިދުމަތް ލިބޭނެ ގޮތްވުން ކަމަށެވެ.

މީގެ އިތުރުން، އާބާދީއަށް ބެލުމެއް ނެތި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީ ޚިދުމަތް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާތަނަށް 16 ރަށެއްގައި އެ ޚިދުމަތް ފެށިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، ކައުންސިލްތަކަކީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޚިދުމަތް ދިނުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މީގެ ކުރިން މިފަދަ ޚިދުމަތްތައް ނުލިބި އޮތީ އެކަށީގެންވާ ސިޔާސަތެއް ނެތުމުން ކަމަށާއި، އެހެންކަމުން ލޯކަލް ގަވަނެންސް އޭގެ އަސްލު ގޮތުގައި ތަންފީޒު ކުރާނެ ސިޔާސަތަކަށް ތާއީދުކުރުން މުހިންމު ކަމަށް ވަޒީރު ނާޡިމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450