ޚަބަރު
ސަރުކާރުގެ ޓެކްސީ ލައިނާ ގުޅެން ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންނަށް އެފުރުސަތު ހުޅުވާލައިފި
ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުގެ ސާމްޕަލްއެއް
ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތާ ގުޅެން ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންނަށް އެ ފުރުސަތު ހުޅުވާލައި، ރަޖިސްޓަރީ ވުމަށް ހާއްސަ ޕޯޓަލްއެއް އާންމުކޮށްފިއެވެ.
މި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޑްރައިވަރުން ހޯދުމަށް މި މަހުގެ 22 ވަނަ ދުވަހު ވޯކް-އިން އިންޓަވިއުއެއް ވެސް ވަނީ ބާއްވާފައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީން ވަނީ ޓެކްސީ ލައިންގެ ހިދުމަތަށް ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އިއުލާންކޮށްފައެވެ. މިދިޔަ ޖަނަވަރީ މަހު ބޭއްވި ވޯކް-އިން އިންޓަވިއުގައި ވެސް 250 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް!
— MTCC Plc (@MTCCPlc) March 24, 2026
ޕާރޓް-ޓައިމް ޑްރައިވަރުންގެ ޕޯޓަލް ލިންކް: https://t.co/WybgzA2BJh pic.twitter.com/h0jdCxQKyW
400 އަށް ވުރެ ގިނަ ޑްރައިވަރުން ބޭނުންވޭ
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނާއި، ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނެވެ.
މި ހިދުމަތް ފެށުމަށްޓަކައި މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން، މި ހިދުމަތުގައި ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖުކުރުމަށް ބޭނުންވާ ހާއްސަ އީވީ (EV) ސްޓޭޝަންތައް މިހާރު ވަނީ ގާއިމުކޮށް ނިންމާފައެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު 24 ގަޑިއިރުގެ ހިދުމަތެއް
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ބަރޯސާވެވޭނެ ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ. މި ޓެކްސީ ލައިންގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މިއީ 24 ގަޑިއިރު މެދުކެނޑުމެއްނެތި ދޭނެ ހިދުމަތެކެވެ.
މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލު 'އޫބާ' އަދި 'ގްރެބް' ފަދަ ހިދުމަތްތަކާ އެއްގޮތަށް، ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކޮށް، ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.