Ads by PNC

ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތަށް އެދި ގުޅާނީ 1655 އަކަށް

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތަށް އެދި ގުޅާނީ 1655 އަކަށް

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުގެ ސާމްޕަލްއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 02:45

23 މާރިޗު 2026، 02:45

ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމަށް ގުޅާނެ ހޮޓްލައިން ނަންބަރަކަށް 1655 ހަމަޖައްސައިފިއެވެ.

މި ނަންބަރު އާއްމުކޮށްފައިވަނީ މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އެމްޓީސީސީން މިއަދު އާއްމުކުރި މައުލޫމާތުގައި ބުނެފައިވަނީ، އަލަށް ތައާރަފްކުރާ މި ޓެކްސީ ޚިދުމަތުގެ ހޮޓްލައިން ނަންބަރުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މި ޚިދުމަތަކީ މާލެ ސަރަޙައްދުގައި ޓެކްސީ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ކާރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދެ ބެޗަކަށް ބަހާލައިގެން ތިން މޮޑެލްއެއްގެ ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗް ތައިލެންޑުން ގެންނަން ނިންމާފައިވާއިރު، ދެވަނަ ބެޗްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ.

ޚިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން އެމްޓީސީސީން މިހާރު އަންނަނީ ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ އިތުރު ޑްރައިވަރުން ބޭނުންވާތީ، އިތުރު ވޯކް-އިން އިންޓަވިއުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ޓެކްސީ ދަތުރުތައް ކުރާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭހެން މާލެ ސަރަޙައްދުގައެވެ. މިއީ މާލޭގައި ޓެކްސީ ނުލިބުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450