Ads by PNC

ޚަބަރު

ގެމަނަފުށީގެ 5 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައިފި

ގެމަނަފުށީގެ 5 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައިފި

ގެމަނަފުށީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 މާރިޗު 2026، 01:07

22 މާރިޗު 2026، 01:07

ހުލާސާ


ގެމަނަފުށީގެ 5 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައިފި
ގއ. ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގެ ފާހަގަކޮށްލެވޭ 5 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް މި މަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަށުގެ މައި އިދާރާތައް ހުރި މަގުތަކާއި ސިނާޢީ ސަރަޙައްދުތަކަށް ބޭނުންކުރާ މައި މަގުތައް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތައް
ޖުމްލަ 76.1 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ތާރު އެޅުމުގެ އިތުރުން ދުވާރު ހެދުމާއި، މަގު ބައްތި ޖެހުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދުވާރުގެ މަސައްކަތުގެ ތެރެއިން ކާނުތައް ހެދުމާއި، ފަހުން އަޅާ ޚިދުމަތްތަކުގެ ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި، ގަސް އިންދާ ވަޅުގަނޑުތައް ހެދުމާއި، ކާބްސްޓޯން ޖެހުމުގެ އިތުރުން ޒިގްޒެގް އިންޓަލޮކިންގ ބްލޮކް ބޭނުންކޮށްގެން ޕޭވްމަންޓްގައި ގާ އެތުރުން ހިމެނެއެވެ. އަދި މަގު ހަދާ ނިމުމުން މަގުގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ސަރުކާރުން ބުނެފައިވަނީ ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުން މަޖުބޫރުނުކުރާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް ލޯކަލް ޓުއަރިޒަމް ހިންގާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށް ބޭނުންވާނަމަ، ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މެއިންޓެއިން ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާއިރު، އާރްޑީސީއާ ހަވާލުކޮށްގެން ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450