Ads by PNC

ޚަބަރު

ފެލިދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓް: ގެއްލުނު އިންޑިއާގެ ދެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

ފެލިދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓް: ގެއްލުނު އިންޑިއާގެ ދެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް

ފެލިދޫ ކައިރީގައި އެކްސިޑެންޓްވި ލޯންޗް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މާރިޗު 2026، 06:09

21 މާރިޗު 2026، 06:09

ވ. ފެލިދޫ ކައިރީގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ހުއްޓާނުލާ ކުރިއަށް އެބަގެންދެއެވެ. މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ.

މި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައެވެ. އެގޮތުން، މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ. މީގެ އިތުރުން، އިންޑިއާގެ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނަކު ވަނީ މިދިޔަ މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު އުޅަނދުގައި ތިބި ހަތް މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. އެކްސިޑެންޓްވި ވަގުތު އުޅަނދުން ކަނޑަށް ފަސް މީހުން ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި، ކަނޑަށް ގެއްލުނު ދެ މީހުން ހޯދުމުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450