ދީން / ޚަބަރު

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ: ހުކުރު ޚުޠުބާ

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ: ހުކުރު ޚުޠުބާ

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މާރިޗު 2026، 02:52

20 މާރިޗު 2026، 02:52

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. 

"ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެ" މި މައުޟޫއަށް އިއްވި ޚުޠުބާގައި ބުނެފައިވަނީ ކޮންމެ ދުވަހަކީ މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށެވެ. އަދި އެ ނިޢުމަތްތަކާ މެދު ވިސްނައި ފިކުރުކުރާން ޖެހޭ ދުވަހެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

މާތް الله ދެއްވި ނިޢުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ، ވަގުތުގެ ނިޢުމަތް، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވޭ، "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވޭ، އެއީ ޞިއްޙަތާއި ހުސް ވަގުތު، އެހެންކަމުން އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ވަރަށް ބޮޑު، ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި الله تَعَالَى ހުވައި ވަޙީކުރައްވައިފައިވުމުން އެ ކަން ވަރަށް ރަނގަޅަށް ހާމަވޭ، الله تَعَالَى އެއްޗެއް ގަންދެއްވައި ބަސް ވަޙީކުރައްވާނީ އެކަނލާގެ ޙަޟުރަތުގައި އޭގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ޓަކާ، މި ކަމުން އެނގި ކަށަވަރުވަނީ الله تَعَالَى ވަގުތަށް ދެއްވައިފައިވާ މަތިވެރި ދަރަޖަ.

ހުކުރު ޚުޠުބާ

ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރީން އަމިއްލަ ނަފުސު މުރާޖަޢާކުރާން އަވަސްވެގަންނާން ޖެހޭ ކަމަށާއި، މާތް اللهއަށް ނިޔަތް ޚާލިޞްކޮށް ކިޔަމަންތެރިވުމުގައި އަހަރެމެން ހޭދަކުރަނީ ކިހައި ވަގުތެއްތޯ ހިސާބުކުރާންޖެހޭ ކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

އަދި އީމާންކަމުގެ ރުކުންތައް ހިތުގައި ކަށަވަރުވެފައިވޭތޯއާއި އިސްލާމްކަމުގެ ރުކުންތައް އަދާކުރެވޭތޯ ކަށަވަރުކުރާންޖެހޭ ކަމަށާއި، އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ފުރިހަމަކުރުމަށް ޙަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހޭ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޤުރްއާން ކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ވެރީންނަށް އިޙުތިރާމުކޮށް ކިޔަމަންގަތުމާއި ގާތްތިމާގެމީހުންނަށް އެހީތެރިވެ، ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުން ފަދަ ދީނުގެ ކަންތައްތަކަށް ރައްކާތެރިވުމަށް ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލާން ޖެހޭ ކަމަށާއި، މާތް اللهއަށް އުރެދުމުގައި، ހަޔާތުން ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ވެސް ދެނެގަންނާން ޖެހޭ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އިންސާނާގެ ޙަޔާތުން މަދުވެ އޭނާގެ އަޖަލާ ގާތްކުރުވާ ކަމަށާއި، ވީމާ ޣާފިލުކަމުގެ ނިދީގައިވަނިކޮށް، ޙަޔާތުގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ޣާފިލުކަމުގެ ނިދީން ހޭލައި ހެޔޮ ޢަމަލުކުރާށެ، އެހެނީ ދުނިޔޭގައި އޮތީ ޢަމަލުކުރުން، އަދި އާޚިރަތުގައި އޮތީ ހިސާބުބެއްލެވުން، މުސްލިމް އަޚުންނޭ، މި ޙަޤީޤަތާ މެދު ވިސްނައި ފިކުރުކޮށް ޢިބުރަތް ޙާޞިލުކުރަނީ ކޮންބައެއް ހެއްޔޭ؟ އެއްވެސް މީހަކަށް އެ މީހަކު މަރުވާނޭ ވަގުތެއް ނޭނގޭނެ، އެކަމަކު އެނގި ކަށަވަރުވާ ޙަޤީޤަތަކީ ކޮންމެ ނަފުސެއްމެ މަރުގެ ރަހަ ދެކޭނެ.

ހުކުރު ޚުޠުބާ

ޚުޠުބާގައި އިތުރަށް ބުނެފައި ވަނީ ހެޔޮގޮތުގައި ވަގުތު ހޭދަކުރުމަށާއި، މަސައްކަތްތެރީން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވުމަށެވެ.

ހަމައެހެންމެ ދަރިވަރުންވެސް ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ގަދައަޅައި މަސައްކަތްކުރުމަށާއި، ފިލާވަޅުތައް ފަހަށް ނުބަހައްޓައި ދުވަހުން ދުވަހަށް ދަސްކޮށް މުޠާލިޢާކުރުމުގެ މުހިންމުކަމަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.

އަދި ތަޢުލީމީ ޙަޔާތުގެ ކާމިޔާބުގެ އަލީގައި ދުންޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް އަވަހަށް މަސައްކަތް ފަށުމަށްވެސް ޚުޠުބާގައި ގޮވާލައިފައިވެއެވެ.

ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެއް، ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫން، އެހެންކަމުން ތިބާއަށް الله ދެއްވި ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރާށެ، ދުނިޔޭގައި ތިބާ ވަގުތު ހޭދަކުރި ގޮތުގެ ހިސާބު ޤިޔާމަތްދުވަހުން ބެއްލެވި، އެ ކަމުގެ ޖަޒާ ތިބާއަށް ފުރިހަމައަށް ދެއްވޭނޭކަން ހަނދާންކުރާށެ 

ހުކުރު ޚުޠުބާ

ހުކުރު ޚުޠުބާ ނިންމާލަމުން ޙަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރުމަށާއި މާތް اللهގެ މި ބަސްފުޅާ މެދު ވިސްނައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަނީ ގޮވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450