Ads by Stelco

ޚަބަރު

ފ.އަތޮޅާއި ދ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

ފ.އަތޮޅާއި ދ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

އާރްޓީއެލް ފެރީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ފެބްރުއަރީ 2026، 02:48

10 ފެބްރުއަރީ 2026، 02:48

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ނުވަތަ އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފުތާގެ ތެރޭގައި ފާފު އަތޮޅާއި ދާލު އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މި ދެ އަތޮޅުގައި ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ އަތޮޅުގައި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ފ. އަތޮޅުގެ އެއް ރޫޓާއި، ދ. އަތޮޅުގެ ދެ ރޫޓުގެ އިތުރުން ދާލު އަތޮޅާއި ފާފު އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެއްގައެވެ. ދެ އަތޮޅު ގުޅުވައިދޭ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. މި ޚިދުމަތް ދިނުމަށްޓަކައި ޖުމުލަ ދެ ފެރީ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ތަޖުރިބާ ދަތުރުތައް އަންގާރަ ދުވަހު ފަށަނީ
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަޖުރިބާ ދަތުރުތަކުގައި އާންމުންނަށް އެއްވެސް އަގަކާ ނުލައި ދަތުރުކުރެވޭނެއެވެ. އަދި އަގު ނަގައިގެން ރަސްމީކޮށް ޚިދުމަތް ދޭން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

ޚިދުމަތް ފެށުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެމްޓީސީސީން މިހާރު ދަނީ ސެޝަންތަކެއް ބާއްވަމުންނެވެ. މި ސެޝަންތަކުގައި ދަތުރުކުރާނެ ރޫޓުތަކުގެ މަޢުލޫމާތާއި، ޓިކެޓްގެ އަގުތަކުގެ އިތުރުން ފެރީގެ ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެމުންދާނެއެވެ.

މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައިވާއިރު، މި ޚިދުމަތް ނުފެށި އޮތީ ޒޯން 3 އަދި ޒޯން 4 ގައެވެ. ފާފު އަތޮޅާއި ދާލު އަތޮޅުގެ އިތުރުން ޒޯން 4 ގައި ހިމެނޭ މީމު އަތޮޅާއި ލާމު އަތޮޅުގައިވެސް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ޒޯން 3 ގައި ހިމެނެނީ ކާފު، އއ، އދ އަދި ވ އަތޮޅެވެ.

2022 ވަނަ އަހަރު ފެށި އާރްޓީއެލް ފެރީގެ ނިޒާމަކީ ރަށްތައް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލައި، އަތްފޯރާ އަގެއްގައި ޚިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދޭ ކާމިޔާބު ނިޒާމެކެވެ. މި ސަރުކާރުންވެސް ދަނީ ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450