Ads by Stelco

ޚަބަރު

ކައްކާ ގޭހުގެ ސަޕްލައި އަށް ދިމާވި މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: އެސްޓީއޯ

ކައްކާ ގޭހުގެ ސަޕްލައި އަށް ދިމާވި މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: އެސްޓީއޯ

މޯލްޑިވް ގޭސް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ:މޯލްޑިވް ގޭސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ފެބްރުއަރީ 2026، 11:38

09 ފެބްރުއަރީ 2026، 11:38

ކައްކާ ގޭހުގެ ސަޕްލައި އަށް އައިސްފައިވާ ލޮޅުންތަކުގެ އަސަރު މި ވަގުތު ދިމާވެފައި ވިޔަސް، ވަރަށް އަވަހަށް އެ މައްސަލަ އެއްކޮށް ހައްލުވެ، ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފިއެވެ.

ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައި އަށް އައި ބަދަލުތަކަކާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ވިއްކަމުންދަނީ ހަތް ކިލޯގެ ގޭސްފުޅިއެވެ. މިއީ ސަޕްލައިއަށް އައި ލޮޅުންތަކާ ގުޅިގެން ކަސްޓަމަރުންނަށް ދަތިނުވާނެހެން އެޅި ފިޔަވަޅެކެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު މީޑިއާއަށް ވިދާޅުވީ، ގޭހުގެ ސަޕްލައި އަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެ އަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން "ރޭޝަން" ކޮށްގެން ނުވަތަ "ކޮންޓްރޯލްކޮށް" ގޭސް ވިއްކުމަކީ އާންމުކޮށްވެސް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، އަންނަ ހަފުތާގެ ތެރޭގައި މި މައްސަލަ އެއްކޮށް ހައްލުވެ، ކުރީގެ ގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ، ރާއްޖެއިން ގޭސް ހުސްނުވާނެ ކަމަށާއި، މިހާރު ހުރި ސްޓޮކުން މެނޭޖު ކުރެވޭނެ ކަމަށެވެ. "ގޭހެއް ހުހެއް ނުވޭ. އަޅުގަނޑުމެންނަށް މެނޭޖު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަކީ ކެއްކުމާއި ކެއިންބުއިމުގެ ކަންކަމުގައި ހާއްސަ މަހެއް ކަމަށް ވުމާއެކު، މޯލްޑިވް ގޭހުން އަންނަނީ އެ މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުންނެވެ. އެސްޓީއޯ އިން ބުނީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަބަދުވެސް ކުރަމުންދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450