Ads by Stelco

ޚަބަރު

އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރުން. ފޮޓޯ:އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 10:32

05 ފެބްރުއަރީ 2026، 10:32

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށް ފަރުމާކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުން ހިމެނެއެވެ.

ވިޔަފާރިތަކަށް ލިބޭނެ ލުއިފަސޭހަތައް
މި ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ލޮޖިސްޓިކްސްގެ ހަރުދަނާ ޚިދުމަތެއް ދެވޭނެ ގޮތްތަކެއް ރޭވުމަކީ މުހިންމު ކަމެއް ކަމަށެވެ. "މިހާރު އެމް.ޕީ.އެލްއިން މި ގެނައި ޚިދުމަތާއެކު ވަރަށް ގިނަ ވިޔަފާރިތަކަށް ފަސޭހަވެގެންދާނެ. ނަތީޖާއެއްގެ ގޮތުން ފައިދާވުމާ އަދި އޭގެ އިތުރުން ވިޔަފާރިތަކުގެ ޑައުން ޓައިމް ކުޑަވެ، ރިސޯޓެއް ހަދާ މީހުންނަށްވެސް މިކަހަލަ ލޮޖިސްޓިކަލް ޚިދުމަތްތައް ޕޯޓުން ދޭން ފެށުމުން ބޭނުންވާ ތަކެތި އަވަހަށް އައިސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

އެމްޕީއެލުން އަލަށް ތަޢާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ޚިދުމަތް ހިމެނެއެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓޭނަރުތައް އެމް.ޕީ.އެލްގެ އުޅަނދުތަކުގައި ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް ފޮނުވައިދެވޭނެއެވެ. މީގެ އިތުރުން ތިލަފުށީގައި ކޮމާޝަލް ވެއަރހައުސިންގ ގާއިމްކުރުމާއި، މާލޭ ބަނދަރުން އެއަރޕޯޓަށް މުދާ އުފުލައިދޭ "ސީ-ޓު-އެއަރ" ކާގޯގެ އާ ނިޒާމެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި އާ ނިޒާމުގެ ދަށުން ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތުވެސް ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް "އެންކަރ" ގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމް.ޕީ.އެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމް.ޕީ.އެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ޚިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފައެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެމް.ޕީ.އެލްއިން މިހާރު ދަނީ އާ ލޭންޑިންގ ކްރާފްޓެއް ބަނުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި އެ އުޅަނދު އޮޕަރޭޝަނަށް ނެރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450