ޚަބަރު
މި އަހަރު ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ތެލެސީމިއާ ހޮސްޕިޓަލުގެ މަސައްކަތް ފަށަނީ
ތެލެސީމިޔާ ސެންޓަރުގައި ތެލެސީމިއާ ބަލީގެ މީހުން ލޭއަޅަނީ. ފޮޓޯ: ސަން
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން، ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ޒަމާނީ ތެލެސީމިއާ ހޮސްޕިޓަލެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ދައުލަތުން ދޭންޖެހޭ އަޅާލުން އިތުރުކޮށް، އެ ކުދިންނާއި އާއިލާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިގޮތުން، ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ކުރިން ހަލާކުވެ ވީރާނާވަމުން ދިޔަ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނިންމި މި މަސައްކަތާއެކު، އެ ސެންޓަރުގެ ހިންގުން މިހާރު ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކުރެވިފައެވެ.
މީގެ އިތުރުން، ކުރިން އެ ސެންޓަރުން ނުލިބޭ އެންޑޮކްރޮނޮލޮޖީ، އިންޓާނަލް މެޑިސިން، އަދި ހިމަޓޮލޮޖީ ފަދަ ސްޕެޝަލިސްޓް ހިދުމަތްތައް މިހާރު ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަނެވޭނެ އޮޓަމޭޓެޑް ޑީއެންއޭ ތަހުލީލުކުރާ ލެބޯރެޓަރީއެއް ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ވަނީ ގާއިމުކޮށްފައެވެ.
"މި ހިދުމަތުގެ ސަބަބުން މީގެ ކުރީން ދެނެނުގަނެވޭ ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަހުލީލުތަކުގެ ފެންވަރު ރަގަޅުކޮށް އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު އިތުރަށް މަތިކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ. މި ހިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެއެވެ.
ތެލެސީމިއާ ކުދިންނަށް ކޮންމެހެން ބޭނުންވާ 'އެމްއާރްއައި ޓީޓޫ ސްޓާ' ގެ ހިދުމަތް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ލިބެން ހުރިއިރު، މިހާތަނަށް 28 ފަރާތަކަށް މި ހިދުމަތް ވަނީ ދީފައެވެ. އަދި ސަރުކާރުގެ ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ޕްރޮގްރާމްގެ ދަށުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް ޖުމުލަ 24 ކުދިންނަށް ވަނީ އެ ފުރުސަތު ދީފައެވެ. މީގެ ތެރެއިން 10 ކުދިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފަރުވާއަށް ފޮނުވާފައެވެ.
މީގެ އިތުރުން، އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަމުގެ ގޮތުން، މިއަހަރުން ފެށިގެން ކޮންމެ ތެލެސީމިއާ ކުއްޖަކަށް 2,000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ހިދުމަތްތައް ފުޅާކުރުމަށްޓަކައި 38 އައު މަގާމަކަށް ހުއްދަދީ، އޭގެ ތެރެއިން 30 މުައްޒަފުން މިހާރު ވަނީ ރެކްރޫޓްކުރެވިފައެވެ.