ޚަބަރު
ދެއިންތިޚާބު އެއްކޮށްލުމުގެ އިސްލާޙު ގެނައުމަކީ ގިނަގުނަ ފައިދާތަކެއް ވާނެ ކަމެއް: ޢުޝާމް
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމުން ގިނަގުނަ ފައިދާތަކެއް ވާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު ޢުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ، މަޖިލިސް އިންތިޚާބަކީ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީކުރުވަން ރައްޔިތުންނަށް ލިބޭ ފުރުޞަތެއް ކަމަށް ބުނާ ވާހަކައަކީ އޭނާ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ރައީސަކު ހުވާކުރައްވާތާ ހަ މަސް ދުވަހަކީ އެ ބޭފުޅެއްގެ މަސައްކަތް ވަޒަންކޮށް، ސިޔާސަތުތަކުގެ ނަތީޖާ ނެރެވޭނެ މުއްދަތެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ރައީސް ހުވާ ކުރައްވާތާ ގާތްގަނޑަކަށް ހަ މަސް ފަހުން. އެގޮތަށް އެ މުއްދަތު ދެ އިންތިހާބުގެ ދެމެދުގައި ބޭއްވުމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައިރު އެއްވެސް ވަރަކަށް ވިސްނުން ގެންގުޅުނު ކަމެއް ނޫން،" ޢުޝާމް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 296 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ، އެންމެ ފުރަތަމަ ބާއްވަންޖެހޭ މަޖިލިސް އިންތިޚާބު ފެބުރުއަރީ 15 ގައި ބާއްވައި، މާޗް އެކެއްގެ ކުރިން އާ މަޖިލީހެއް އެކުލަވާލަން ޖެހޭ ކަމަށް އޮތް ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އެގޮތަށް ޢަމަލުކުރެވުނު ނަމަ ރައީސް ހުވާކުރައްވާތާ ދެތިން މަސް ތެރޭގައި މަޖިލިސް އެކުލަވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢުޝާމް އިތުރަށް ވިދާޅުވީ ދެ އިންތިޚާބު ދުރުކުރުމަކީ އެއްވެސް އިރަކު އޮތް ވިސްނުމެއް ނޫން ކަމަށާއި، އެހެންކަމުން މި ގެންނަ އިސްލާޙަކީ ދައުލަތަށް ފައިދާހުރި ބަދަލަކަށް ވާނެ ކަމަށެވެ. މި ބަދަލާއެކު އިންތިޚާބީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.