ޚަބަރު
މިފެށޭ ދިރާސީ އަހަރު ގްރޭޑް 1 އަކަށް 4000 އަށްވުރެ ގިނަ ކުދިން ވައްދާފައިވޭ
އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް. ފޮޓޯ: ތަޢުލީމީ ވުޒާރާ
މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންދާއިރު، ގްރޭޑް އެކަކަށް އަލަށް ވެއްދި ދަރިވަރުންގެ އަދަދު 4،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ތައުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
ތައުލީމީ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ޖުމްލަ 4،790 ދަރިވަރުން ވަނީ ވައްދާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ވެއްދި 1،748 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލުތަކަށް އަލަށް ވެއްދި 3،042 ދަރިވަރުންނެވެ.
މީގެ އިތުރުން، ދަރިވަރުން ސްކޫލުތަކަށް ބަދަލުވުމުގެ ތަފްސީލް ހިއްސާކުރަމުން އެ ވުޒާރާއިން ވިދާޅުވީ، އަތޮޅުތަކުން މާލެއަށް 1،530 ކުދިން މިއަހަރު ބަދަލުވެފައިވާ ކަމަށެވެ. އަދި މާލެއިން ހުޅުމާލެއަށް 836 ކުދިން ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ދިރާސީ ކަލަންޑަރުގެ މުހިންމު ތާރީޚުތައް
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ މިޑް ބްރޭކް ދަރިވަރުންނަށް ލިބޭނީ މެއި މަހުގެ 24 އިން 30 ގެ ނިޔަލަށެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް ދާނީ ޖުލައި މަހުގެ 17 އިން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ދަރިވަރުން ދާނީ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތައުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުގައި 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.