Ads by Stelco

ޚަބަރު

އަމިއްލަ ކުންފުނިތަކާއި ހަވާލުކުރާ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ އެ މަޝްރޫޢު ކުރިއަށްދާ މިންވަރު ބަލާ ހަރުދަނާ މިންގަންޑެއްގެ ތެރެއިން

އަމިއްލަ ކުންފުނިތަކާއި ހަވާލުކުރާ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ އެ މަޝްރޫޢު ކުރިއަށްދާ މިންވަރު ބަލާ ހަރުދަނާ މިންގަންޑެއްގެ ތެރެއިން

މާލީ ވަޒީރު މޫސާ ޒަމީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 12:55

06 ނޮވެމްބަރު 2025، 12:55

ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ދޫކުރާނީ، މަސައްކަތް ކުރިއަށްދާ މިންވަރަށް ބަލައި، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށް  މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 206 މަޝްރޫޢުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

 މި އުސޫލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަވެ، ބޭންކުތަކުގެ ފައިނޭންސިންގެ އެހީގައި ރައްޔިތުން އެދޭ އަވަސް މިނުގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތަކުގެ މައިގަނޑު 4 އަމާޒެއް ސަރުކާރުން ހާސިލުކުރަން ބޭނުންވެއެވެ. އެއީ މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަންދިނުމާއި، ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ޤާއިމުކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުން މަޝްރޫޢުތައް ހިންގާ މިންވަރު ވަޒަންކުރުމާއި، އަދި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމެވެ. މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި، އެއްބަސްވުންތަކުގައި މެއިންޓެނެންސްގެ ޒިންމާތައްވެސް ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ސޮއިކުރެވޭ މަޝްރޫޢުތަކަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމުކުރެވޭނެ. މިއީ ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ނިޒާމެއް. މި ޕްރޮގްރާމަކީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ، ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެ މަސައްކަތްތަކެއް. މި އުސޫލުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް މާލީ ފައިދާ ލިބި، އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވާނެ

މާލީ ވަޒީރު މޫސާ ޒަމީރު

މީގެ އިތުރުން، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވުމާއި، ބޭރުގެ ކުންފުނިތަކުން ޤައުމުން ބޭރުކުރާ ބޭރު ފައިސާގެ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް ބިންގަލެއް އެޅިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޒަމީރު ވިދާޅުވީ، މަޝްރޫޢުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ފައިސާ ބަރާބަރަށް ލިބޭނެ ކަމަށާއި، މި އެއްބަސްވުންތައް މޮނިޓަރ ކުރެވޭނެ އިންތިޒާމުތައް އާންމު އިންވެސްޓްމެންޓް ފްރޭމްވޯކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. 

ސަރުކާރުން ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމުގެ ސިޔާސަތު ކުރިއަށްގެންދާއިރު، މި މަޝްރޫޢުތައް ހަވާލުކުރަނީ މާލިއްޔަތު ޤަވާދުގެ ދަށުން ކަނޑައެޅިފައިވާ ހަރުކަށި ޝަރުތުތަކާ އެކުގައެވެ. މިކަމުގެ ސަބަބުން އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި އިޤްތިޞާދު ކުރިއަރައިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން