Ads by Stelco

ޚަބަރު

ރާއްޖޭގައި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް އަންނަ އަހަރު ފަށަނީ

ރާއްޖޭގައި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް އަންނަ އަހަރު ފަށަނީ

އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ސަޢީދު އަދި ސްރީލަންކާގެ ރައީސް އަނޫރާ. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 10:04

06 ނޮވެމްބަރު 2025، 10:04

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު ރަސްމީކޮށް އަންނަ އަހަރުގެ އޭޕްރީލް މަހު ފަށަން ނިންމާފައިވާކަން އިޢުލާންކޮށްފިއެވެ. 

މިކަން ހާމަކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ނަމުން ނަން ދެވިފައިވާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިޤްތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ ތަސައްވަރުގެ ދަށުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

މި ޕްރޮގްރާމަކީ ރާއްޖެއަށް ޒިންމާދާރު އިންވެސްޓުމަންޓުތައް ގެނައުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން އީޖާދީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމުުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މި ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ދުނިޔޭގެ ފެންވަރުގައި މިފަދަ ކަންކަމުގައި ފާހަގަކޮށްލެވޭ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާރސްއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިއަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން އިންވެސްޓްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިފަދަ ޕްރޮގްރާމެއް ފެށުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެކަމަށް ވުޒާރާއިން އުންމީދުކުރެއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އިޤްތިޞާދަށް ދާއިމީ ކުރިއެރުމެއް ގެނެސްދިނުމަށް އެޅޭނެ މުހިންމު ބިންގަލެއް ކަމަށް ސަރުކާރުން ބުނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން