ޚަބަރު
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ޑރ ރަމީލާ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ކުރީގެ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
މި ނިންމުން ފާސްވީ 63 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.
ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ޑރ. ރަމީލާއަކީ މި ސަރުކާރުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފުރަތަމަ ވަޒީރުގެ މަގާމު ފުރުއްވި ބޭފުޅާއެވެ. ނަމަވެސް، އެކަމަނާ ވަޒީރުކަމުން އިސްތިއުފާ ދެއްވީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ޑރ. ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރެއްވުމަށް ނިންމެވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ. ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހުސްވުމާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލަންޖެހެއެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެނީ ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުން ފާސްވުމަށްފަހުއެވެ.
އެޗްއާރުސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބަވަންޖެހޭއިރު، މިހާރު ކޮމިޝަނުގައި ތިއްބަވާ މެންބަރުންނަކީ ރައީސް މަރިޔަމް މުނާގެ އިތުރަށް ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި، އިސްމާޢިލް ޙަބީބް އަދި އަޙްމަދު މަޤުސޫމެވެ. ޑރ. ރަމީލާ އައްޔަންކުރެއްވުމާއެކު، އެޗްއާރުސީއެމްގެ މެންބަރުންގެ ޢަދަދު ހަމަވާނެއެވެ.