ޚަބަރު
ސްޓެލްކޯއިން ކ. ތުލުސްދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި
ތުލުސްދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް ްި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ. ތުލުސްދޫއަށް ވަޑައިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްގެން އެ ރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި މަޝްރޫޢަކީ ތުލުސްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ޔަޤީންކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ކޮންސްތްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢު އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މި ނިޒާމް ކޮމިޝަންކުރެވި، ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ކ. ތުލުސްދޫގެ ފެނުގެ ނިޒާމް ފަރުމާކޮށް ޤާއިމްކުރުމުގެ މި މަސައްކަތުގެ އަގަކީ 50،888،210.00 ދިވެހި ރުފިޔާއެވެ. ސްޓެލްކޯއިން މި މަޝްރޫޢުގެ ދަށުން ވަނީ ރަށުގެ ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށްފައެވެ. އެގޮތުން، 200 ޓަނުގެ ދެ ރިވާސް އޮސްމޯސިސް (RO) ޕްލާންޓާއި، 1400 ޓަނުގެ ދެ RO ޓޭންކް، އަދި 1200 ޓަނުގެ އެއް ރޯ ވޯޓަރ (RW) ޓޭންކް ވަނީ ބެހެއްޓިފައެވެ. މީގެ އިތުރުން، ފެނުގެ ޚިދުމަތް ގޭގޭއަށް ފޯރުކޮށްދިނުމަށްޓަކައި 17،336 މީޓަރުގެ ނެޓްވަރކް ލައިން ވަނީ އަޅާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ކ. ތުލުސްދޫގެ 350 ގޭބިސީއަށް ސީދާކޮށް ފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދިޔަ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ލަފާކުރެވެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ މިފަދަ މަޝްރޫޢުތައް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒަމާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.