ޚަބަރު
މީޑިއާ ކޮމިޝަންގެ ފުރަތަމަ ރައީސަކަށް ފަރުޞަތު އައްޔަނުކުރަން ފާސްކޮށްފި
މުޙައްމަދު ފަރުޞަތު
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (މީޑިއާ ކޮމިޝަން) ގެ ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެމްބަރު މުޙައްމަދު ފަރުޞަތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ނިންމުމާއެކު ފަރުޞަތު ވެގެންދާނީ މީޑިއާ ކޮމިޝަންގެ ފުރަތަމަ ރައީސަށެވެ. މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަންކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުންނެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މީޑިއާ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު، ރައީސްކަމަށް އެންމެ ޤާބިލު ފަރާތަކީ މުޙައްމަދު ފަރުޞަތުކަމަށް އިއްތިފާގުން ފާސްކޮށްފައެވެ. ކޮމިޓީގެ މި ނިންމުމާ އެއްގޮތަށް މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި، މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްވީ 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މުޙައްމަދު ފަރުޞަތަކީ ތަޢުލީމީ ގޮތުންނާއި މަސައްކަތުގެ ތަޖުރިބާގެ ގޮތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް މިންސްޓަރ އިން މާސްޓާރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނޮދަމްބްރިޔާ ޔުނިވަރސިޓީން ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ޑިގްރީވެސް ޙާޞިލް ކުރައްވާފައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ މުއްދަތުގެ އިތުރަށް، އޭނާ ވަނީ ހިންގުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
މީޑިއާ ކޮމިޝަނުގައި ޖުމްލަ 7 މެންބަރުން ތިއްބަވައެވެ. މީގެ ތެރޭގައި ހިމެނެނީ މަޖިލީހުން އައްޔަންކުރެއްވި 3 މެންބަރުންނާއި، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބު ކުރެއްވި 4 މެންބަރުންނެވެ. މީޑިއާ ކޮމިޝަންގެ ރައީސް މަޖިލީހުން އައްޔަންކުރި ނަމަވެސް، ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ފަރުޞަތު ރައީސްކަމަށް އައްޔަންކުރުމާއެކު، މީޑިއާގެ ދާއިރާ ބެލެހެއްޓުމަށް އުފެއްދި މި ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.