Ads by Stelco

ޚަބަރު

ފާއިތުވި މަހު މީރާއަށް 3.01 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

ފާއިތުވި މަހު މީރާއަށް  3.01 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

މީރާގެ އޮފީސް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޮކްޓޯބަރު 2025، 11:53

10 އޮކްޓޯބަރު 2025، 11:53

ހުލާސާ


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނިމިދިޔަ ސެޕްޓެންބަރު މަހު 3.01 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

 މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ސެޕްޓެންބަރު މަހަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނާގޮތުގައި، މިއަހަރުގެ ސެޕްޓެންބަރު މަހު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންނެވެ. މީގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ. މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 އިންސައްތަ އިތުރުވެފައިވުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ އާމްދަނީއަށްވެސް ކުރިއެރުން ލިބިފައިވެއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 1.22 ބިލިޔަން ރުފިޔާ (40.5 އިންސައްތަ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު 507.2 މިލިޔަން ރުފިޔާއެވެ.

އެހެނިހެން އާމްދަނީގެ ތެރޭގައި ރިޒޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި 404 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިޔަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 199.1 މިލިޔަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ ތެރޭގައި 150.25 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން ފާހަގަކުރާ ގޮތުގައި، ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ 14.9 އިންސައްތައަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. އަދި 6.4 އިންސައްތަ ލިބިފައިވަނީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުންނެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން