ޚަބަރު
ރަސްމާލެ މަޝްރޫއިން ރިޝްވަތު ނެގި ވާހަކައަކީ ދޮގެއް: އިމްރާނަށް އަޒާންގެ ރައްދު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ފޮޮޓޯ:މޯލްޑިވިއަން ޖަރނަލް
ރަސްމާލެ މަޝްރޫއުގެ ތެރެއިން ސަރުކާރުގެ އިސްވެރިން ބޮޑު އަދަދަކުން ރިޝްވަތު ނަގާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ރައްދު ދެއްވައިފިއެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރު ކުއްޔަށް ދޫކޮށްގެން އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަމުން އިމްރާން ވަނީ އެ ޑީލުގައި އީގަލް ހިލްސްގެ ވެރިޔާގެ އަތުން ސަރުކާރުގެ އިސްވެރިން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އިމްރާންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއީ ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އިމްރާން ހައްދަ ވަނީ ސީދާ ދޮގު ކަމަށެވެ. އަދި ނުދަންނަ މީހުންނާއި. މަޝްހޫރު ވިޔަފާރިވެރިންތަކެއްގެ ތެރޭގައި ރިޝްވަތު ދިން ކަމަށް އެއްބަސް ވާނީ ބުއްދި ސަލާމަތުން ހުރި ކާކުތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
This didn’t happen. @ShimranAb is lying. Who in their right mind would admit to paying bribes, that too in a room full of strangers and prominent businessmen? We still remember you showing documents at a rally and claiming they were “evidence” that President Yameen had orchestrated Dr Afrasheem’s murder. Imran himself has multiple corruption allegations to answer for. @ACC_Maldives needs to do its job and investigate them.
— Ahmed Azaan (@axanner) November 13, 2026
މީގެއިތުރުން، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ވިދާޅުވެ، ޖަލްސާއެއްގައި ލިޔުންތަކެއް ދައްކަވައި އެއީ "ހެކި" ކަމަށް ބުނެ އިމްރާން މީގެކުރިން ދެއްކި ވާހަކަތަކުގެ ހަނދާން އަދިވެސް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިމްރާންގެ އަމިއްލަފުޅު ބޮލުގައި ވެސް ޖަވާބުދާރީވާންޖެހޭ ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް އެބައޮތެވެ. އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އިދާރާގެ ޤާނޫނީ ޒިންމާ އަދާކޮށް، އެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.