ޚަބަރު
ބޮޑުތަކުރުފާނުމަގު ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމިއްޖެ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ:އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ ޕަމްޕް ސްޓޭޝަން ވަޅު ކާސްޓްކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
144 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށްދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ފުރަތަމަ ސެގްމަންޓްގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސެގްމަންޓްގެ ސަބް ގްރޭޑް މަސައްކަތްތަކާއެކު ކެރިޖްވޭގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ހިމެނެއެވެ. މަގު ތަރައްޤީކުރެވެނީ ދުއްވާ އުޅަނދުފަހަރަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭ ގޮތަށެވެ.
ޑްރެނޭޖް ސިސްޓަމްގެ ތަކެތި ޑެލިވަރީކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ސެގްމެންޓު ނޮވެމްބަރު މަހު ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަޙައްދު ކަމަށްވާ މި ސަރަޙައްދަކީ ގިނަ އޮފީސްތަކަކާއި، މާލެއަށް ދަތުރުކުރާ ކަނޑު އުޅަނދުތައް ބޭނުންކުރާ މައި ސަރަޙައްދެވެ. މަސައްކަތް ކުރިއަށްދާ މުއްދަތުގައި ބަނދަރު ސަރަހައްދު ބޭނުންކުރުމުގައި ވަގުތީ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރެވެއެވެ.