ޚަބަރު
ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަކީ، އިތުބާރު ހިފޭ އަދި ނަޒާހާތްތެރިކަމަށް އިސްކަންދޭންޖެހޭ ބައެއް: ވަޒީރު ޙައިދަރު

މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ ޢަލީ ހައިދަރު
ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަކީ، އިތުބާރު ހިފޭ އަދި ނަޒާހާތްތެރިކަމަށް އިސްކަންދޭ ބަޔަކަށްވުމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އެސެސަރސް ކާޑު ލިބިފައިވާ ފަރާތްތަކަށް ކާޑު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަތީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި، ދަރިވަރުން އެސެސްކުރުމަށް ތިބޭ ފަރާތްތަކުގެ ފެންވަރު މަތިކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.
މަތީ ތަޢުލީމާ ބެހޭ ޤާނޫނުގެ ދަށުން، ނޭޝަނަލް އެސެސަރުންނަކީ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ މިންގަނޑަށް ދަރިވަރުން ތަޢުލީމާއި ހުނަރު ޙާސިލުކޮށްފައިވޭތޯ ވަޒަންކުރާ ފަރާތްތަކެވެ. މިވަގުތު ރާއްޖޭގައި އެކި ދާއިރާތަކަށް ޚާއްސަ 234 އެސެސަރުން ހަރަކާތްތެރިވަމުން ދާއިރު، މިއަހަރު އަލަށް 20 އެސެސަރަކަށް ވަނީ ހުއްދަ ދޫކޮށްފައެވެ.
"މިއަހަރު އަލަށް 20 އެސެސަރުންވަނީ ތަމްރީންކުރެވިފައި. އިތުރު ޓްރެއިނިންގތައް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައި. މިކާޑު ލިބިފައިވާ ފަރާތްތަކަކީ އިތުބާރުހިފޭ، ޕްރޮފެޝަނަލިޒަމް ހިފަހައްޓާ ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަން އިސްކޮށް އެސެސްމަންޓުތައް ކުރިއަށްގެންދާ އެސެސަރަކަށްވާންވާނެ،" ވަޒީރު ވިދާޅުވިއެވެ.
އެސެސަރުންނަކީ އިންޑަސްޓްރީތަކަށް އަންނަ ބަދަލުތަކަށް ފަރިތަ އަދި އެންމެ ފަހުގެ މަޢުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ރިފްރެޝަރ ކޯސްތަކުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެސެސަރުންނަށް ދޫކުރެވޭ ކާޑަކީ އެފަރާތްތަކަކީ ދައުލަތުން ބަލައިގަންނަ ފަރާތްތަކެއްކަން އަންގައިދޭ ރަސްމީ ލިޔުމެއްކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.