ޚަބަރު
ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މުޖްތަމަޢުގެ ކުރިއެރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި ޑްރަގް ކޯޓާ ގުޅިގެން ކުރިއަށްގެންދާ ފަރުވާ ޕްރޮގްރާމަކީ މުހިއްމު މަސައްކަތެއްކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެންޑީއޭ އާއި ޑްރަގް ކޯޓުން ގުޅިގެން ހިންގި ފަރުވާ ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ޕްރޮގްރާމަކީ ޤާނޫނީ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދީ، އެމީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ހަމަ ތި ހިތްވަރުގަދަ ބޭފުޅުން މިހާރު ތިބެވި މަގުގައި ސާބިތުކަމާއެކު ތިބުމަށް ބުނެލަން. މިހާރު ﷲ ގެ ވާގިފުޅާއެކު ފަރުވާ ނިންމާފައި ތިތިބީ. އަދި ކުރިއަށްއޮތީވެސް އުނދަގޫ މަރުހަލާތަކެއް. އެމަރުހަލާއަށްވެސް ފުރިހަމައަށް ތައްޔާރުވާންޖެހޭނެ
އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް އަޤީދާ އާއި އީމާންތެރިކަން ވަރުގަދަކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި އެހެން މީހުންނަށް އެހީތެރިވުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
މި ޕްރޮގްރާމު 52 މީހުން ވަނީ ފުރިހަމަކޮށްފައެވެ. އަދި ޕްރޮގްރާމު ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ވަނީ ޚާއްޞަ ސިޔާސަތުތަކެއް އެކަށައަޅާފައެވެ. މީގެ ތެރޭގައި ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މަސައްކަތްކުރުން ހިމެނެއެވެ.