ޚަބަރު
ޤައިދީންނަށް ހުނަރުތައް ތަރައްޤީކޮށްދޭ މަރުކަޒު، ވޮކޭޝަނަލް ތަމްރީންދޭ މަރުކަޒެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި

ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ރަޖިސްޓަރީ ކުރުން
އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނުދޭ މަރުކަޒެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފިއެވެ.
އެމްއެންއެސްޑީއޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިންސްޓިޓިއުޓްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓު ހަވާލުކޮށްދެއްވީ އެމްއެންއެސްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އިންސްޓިޓިއުޓްގެ ފަރާތުން ސެޓުފިކެޓާ ހަވާލުވެވަޑައިގަތީ ސްޕްރިންޓެންޑެންޓް އިބްރާހީމް ނާޝިދެވެ.
މި ރަސްމިއްޔާތުގައި ދިގު މުއްދަތަށް ޖަލުގައި ހޭދަކުރާ ގައިދީންނަށް ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން، އަންހެނުންނަށް ޚާއްސަ ވޮކޭޝަނަލް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ގައިދީންނަށް މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދީ، ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތްތެރިންގެ ގޮތުގައި ތިބުމުގެ ފުރުޞަތު ހޯދައިދިނުމެވެ. މީގެ އިތުރުން، މި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓުފިކެޓު ހާސިލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް ދަނީ އެކި ވުޒާރާތަކާ ގުޅިގެން ޤައިދީންގެ ހުނަރުތައް ތަރައްޤީކުރުމަށް އަމާޒުކޮށްގެން އެކި ބާވަތުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. މި ރަޖިސްޓްރޭޝަނާ އެކު، މި ޕްރޮގްރާމްތަކަށް އިތުރު ބާރަކާއި ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.