Ads by Stelco

ޚަބަރު

އެމްޑީޕީގެ މިރޭގެ ހަރަކާތުގެ މަޤްސަދަކީ ޞުލްޙަވެރި އެއްވުމެެއް ބޭއްވުމެއް ނޫން: ވަޒީރު އިޙްސާން

އެމްޑީޕީގެ މިރޭގެ ހަރަކާތުގެ މަޤްސަދަކީ ޞުލްޙަވެރި އެއްވުމެެއް ބޭއްވުމެއް ނޫން: ވަޒީރު އިޙްސާން

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޮކްޓޯބަރު 2025، 12:26

04 އޮކްޓޯބަރު 2025، 12:26

އެމްޑީޕީގެ މިރޭގެ ހަރަކާތުގެ މަޤްސަދަކީ ޞުލްޙަވެރި އެއްވުމެެއް ބޭއްވުމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު އިޙްސާން މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އިން ޞުލްޙަވެރި އެއްވުމެއް ކަމަށްބުނެ ފަށައިގެން އުޅޭ އެއްވުން ވަރަށް ބޮޑަށް ހޫނުވެ ތަނުގެ އަމަން ނަގާލުމަށް އެއްވެތިބި މީހުން މަސައްކަތް ކުރުމާ ގުޅިގެން އެކްސް ގައި ކުރެެއްވެވި ޕޯސްޓެއްގައެވެ. 

ވަޒީރު އިޙްސާން ވިދާޅުވީ 2013 ވަނަ އަހަރުގެ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ބޭރުގައި ބާއްވާ ކޮންމެ ޞުލްޙަވެރި އެއްވުމަކަށް، އެ ތަނެއް ބޭނުންކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި، މިގޮތުން އެމްޑީޕީން އެ ޕާޓީގެ ހަރަކާތް ބޭއްވުމަށް ވަކި މަގެއް ކަނޑައަޅައި ހުށަހަޅާފައިވާކަމަށެވެ.

ނަމަވެސް މަޖީދީމަގުގައި ދުއްވާ އުޅަނދުތަކުގެ ތޮއްޖެހުން ބޮޑުވުމާއި، ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން، ފުލުހުން ވަނީ އެހެން މަގެއް ހުށަހަޅައި، އިވެންޓް އޯގަނައިޒަރުންނާއެކު އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން އަންގާފައި ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެެފައެވެ. 

އެހެންނަމަވެސް، އެމްޑީޕީން އެ ޕާޓީން އެދުނު މަގާއި، ފުލުހުން ހުށަހެޅި މަގު ވެސް ބަލައިނުގަތުމުން، އެ ޕާޓީގެ މަޤްޞަދަކީ ޞުލްޙަވެރި އެއްވުމެއް ބޭއްވުން ނޫން ކަމަށް ބެލެވޭ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ޤާނޫނީ އިމުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމާއި ޙައްޤުތައް ހިމާޔަތްކުރުމަށް ގަދައަޅައި މަސައްކަތްކުރާ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.

މިރޭ އިދިކޮޅު އެމްޑީޕީ އިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތުގެ ތެރެއިން ފުލުހުން އަންގަމުންދާ އެންގުންތަކަށް އެއްވެ ތިބި މީހުން ޢަމަލު ނުކުރާ ކަން ފާހަގަކުރެވެއެވެ. އަދި ތަނުގެ އަމަން ގެއްލޭގޮތައް އެއްވުމުގެ ބައެއް ބައިވެރިންގެ ޢަމަލުތައް ހުރިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން