ޚަބަރު
ރައީސް ދެއްވީ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން

ރައީސް ސިޓްރަން ރެސްޓޯރަންޓްގައި ޤައުމީ ފުޓުބޯޅަ ޓީމާއެކު
ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މި ޔަޤީންކަން ރައީސް ދެއްވާފައިވަނީ ސިޓްރަން ރެސްޓޯރަންޓްގައި ޤައުމީ ފުޓުބޯޅަ ޓީމާއެކު ބޭއްވި ޚާއްޞަ ސައިފޮދުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ފުޓުބޯޅައަކީ ހުރިހާ ދިވެހިންނާއި އަދި "ޚުދު އަޅުގަނޑުވެސް އެންމެ ޝައުޤުވެރިވާ އަދި ބަލަން ހިތްވާ ކުޅިވަރު" އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި، ކުޅުންތެރިންނަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަޞީލަތްތަކާއި ބިނާތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރި ކަމަށްޓަކައި ޤައުމީ ޓީމަށް ރައީސް މުބާރަކްބާދީ ދެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސްގެ އިތުރުން މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިޢު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ތާރިޤް ބައިވެރިވެވަޑައިގެންނެވިއެވެ.