Ads by Stelco

ޚަބަރު

ޤާނޫނާ ޚިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ގޮވާލައިފި

ޤާނޫނާ ޚިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ގޮވާލައިފި

ފުލުހުންގެ ހެޑްކުއަރޓާސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 01:39

01 އޮކްޓޯބަރު 2025، 01:39

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ގްރޫޕްތަކަކަށް ބެހި މާލެތެރެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާކަމަށް އެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މި ހަރަކާތަކީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ހުއްދަ ދީފައިވާ ހަރަކާތެއް ނަމަވެސް، ފުލުހުން ކަނޑައަޅާފައިވާ ރޫޓާ ޚިލާފަށް ހިނގާލުން ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި މިކަމަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތަށް ގެއްލުން ލިބިދާނެ ކަމެއްކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

"ސުލްޙަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ޤާނޫނާ ޚިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ގޮވާލަން،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އެންމެހާ ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް މުޖުތަމަޢުގެ އާންމު މަޞްލަޙަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ބާއްވާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން