ޚަބަރު
ސްޓެލްކޯގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމަށް އަހުލިވެރިކުރުމަށް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯގެ ވުމަވއްޒަފުންނަށް ކުރިއަށްގެންދިޔަ ވޯކްޝޮޕް: ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބްލިސް މޯލްޑިވްސްއާ ގުޅިގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މި ވޯކްޝޮޕްގައި ކުންފުނީގެ 25 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
ވޯކްޝޮޕްގައި ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާ މެދުވެސް ބައިވެރިން ހޭލުންތެރިކޮށްފައިވެއެވެ.
މި ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނަށް ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ދަސްކޮށްދީފައިވާކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މިފަދަ ވޯކްޝޮޕްތަކަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށް، މަސައްކަތުގެ މާޙައުލުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ބެލެވެއެވެ.
ސްޓެލްކޯ އިން ވަނީ އިއްޔެ އެކުންފުނީގެ މުވައްޒަފުންނަށް ދުޅަހެޔޮ ޞިއްޙަތާ ގުޅޭ މައުލޫމާތުދިނުމަށްވެސް ސެޝަނެއް ކުރިއަށްގެންގޮސްފައެވެ.