ޚަބަރު
ޤައުމީ ތަރައްޤީގެ ޕްލޭނަށް 50 ރަށަކުން ޚިޔާލު ހޯދައިިފި

ކުރިމަގު ސައްލާގެ ތެރެއިން
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް މިހާތަނަށް 9 އަތޮޅެއްގެ ޖުމްލަ 50 ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ވިލުންތެރި ރާއްޖެ ޓީމުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް 5 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި ބައްދަލުވުންތައް ވަނީ ނިމިފައެވެ.
ބައްދަލުވުންތައް ނިމިފައިވާ އަތޮޅުތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 6 ރަށާއި، ފުވައްމުލައް ސިޓީ، ހއ. އަތޮޅުގެ 15 ރަށާއި، ވ. އަތޮޅުގެ 5 ރަށާއި، އަދި އދ. އަތޮޅުގެ 7 ރަށް ހިމެނެއެވެ. މި 5 އަތޮޅުގައި ޖުމްލަ 34 ރަށް ހިމެނެއެވެ. މިވަގުތު ބައްދަލުވުންތައް ކުރިއަށްދަނީ ގދ. އަތޮޅު، މ. އަތޮޅު، ލ. އަތޮޅު އަދި ޅ. އަތޮޅުގައެވެ.
"ކުރިމަގު ސައްލާ" ގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުންތައް ފެށިފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ. މި ބައްދަލުވުންތަކުގައި ރަށު އަދި އަތޮޅު ކައުންސިލްތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ވިޔަފާރިތަކާއި އަދި އަމިއްލަ ފަރުދުންނަށް ބައިވެރިވެ މަޝްވަރާކުރުމުގެ ފުރުޞަތު ދެވެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ މައިގަނޑު މަޤްޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި، އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި، ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި، ތިމާވެށްޓާއި، ޢުމްރާނީ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރާނެ ދުރު ރާސްތާގެ ތަޞައްވުރެއް ހިމެނޭނެއެވެ.
ޕްލޭން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އަމިއްލަ ކޮންސަލްޓިންގ ފާމަކާ ހަވާލުކޮށްގެންނެވެ. އަދި މި މަސައްކަތް ވިލަރެސްކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިންނެވެ. ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މުޅި ޕްލޭން އިފްތިތާޙުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.