ޚަބަރު
ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދުގެ މައްޗަށް ކޮރަޮޕްޝަންގެ ކުށް ސާބިތުވެއްޖެ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އަހުމަދު ސަޢީދު
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އަހުމަދު ސަޢީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ސަޢީދުގެ މައްޗަށް ސާބިތުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށެވެ.
ސަޢީދުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކޮށް އަދި މަސައްކަތް ނިންމިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައިގައެވެ. މި އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުން ވެފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ކޯޓުން މިހާރު ދަނީ އަދަބު ކަނޑައެޅުމުގެ މަރުހަލާއަށް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން، ސަޢީދުގެ މައްޗަށް އިތުރު މައްސަލައެއްގައިވެސް ދަޢުވާ އުފުލިފައިވެއެވެ. އެއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުގައި، ސަޢީދު އެމްޑީގެ މަގާމުގައި ހުރި ދުވަސްވަރު ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.