ޚަބަރު
ފެނައިގެ ޚިޔާނާތަކީ މުޅި އެމްޑީޕީގެ ހިއްސާއޮތްކަމެއް: މެމްބަރު ޝުޖާޢު

ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާޢު. ފޮޓޯ: ދައުރު
ހުލާސާ
ފެނަކަ ކޯޕަރޭޝަންގެ 2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައަކީ ހަމައެކަނި ފެނަކައިގެ ވެރިންގެ ބޮލުގައި ޒިންމާ އަޅުވާލައިގެން ނިންމާލެވޭނެ މައްސަލައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާޢު ވިދާޅުވީ، މި މައްސަލައަކީ އެމްޑީޕީގެ މުޅި ލީޑަރޝިޕް ޝާމިލުވާގޮތަށް ރޭވިގެން ހިންގާފައިވާ ޚިޔާނާތެއް ކަމަށެވެ. އަދި ފެނަކައަކީ ނިމިދިޔަ ސަރުކާރުގައި އެމްޑީޕީން ވައްކަންކުރުމަށާއި ޚިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ ނަތީޖާއަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަޤާމުން ދުރުކުރި އެނގޭތޯ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ޕާލަމެންޓަކުން މި ވާހަކަ ދެއްކީތީ،" ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް-ޕީއެންސީގެ މެންބަރުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް އޭސީސީން މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމުން، އެ މެންބަރުންގެ މަޤާމުތައް ގެއްލިގެން ދިޔައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، މި ކަންކަން ހިނގަމުންދާކަން އެނގިތިބެ އޭރުގެ ސަރުކާރުގެ އިސްވެރިން ފިޔަވަޅު ނާޅައި ތިބިކަމަށެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ދެން އަންނަ ދައުރަކަށް މަޑުނުކުރާނެކަމަށް ވިދާޅުވިއެވެ.
ފެނަކައިގެ ޚިޔާނާތުގެ މައްސަލައިގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، ބިޑުކުރުމަކާ ނުލައި އެތައް މަޝްރޫޢުތަކެއް މަސްލަޙަތު އޮތް ކުންފުނިތަކަށް ދީފައިވާކަމާއި، ވުޖޫދުގައި ނެތް ކުންފުނިތަކަށް މާކެޓް އަގަށްވުރެ ބޮޑެތި އަގުތަކުން ޗާޖުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.