ޚަބަރު
މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން
ހުލާސާ
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުންނެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއެވެ. މި ބަލައިފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި މއ. މަޒާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އައިޝް އަޙްމަދާއި، ހަމަ އެ ގޭގެ އުމުރުން 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙްމަދާއި، ހދ. ކުޅުދުއްފުށި / މަރިޔާޒް، އުމުރުން 34 އަހަރުގެ ޢިނާޔަތު ޢަލީ ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.