Ads by Stelco

ޚަބަރު

ބޭނުންކޮށްފައި ހުރި ދެ މިލިއަން ރުފިޔާގެ ޖަނެރޭޓަރެއް 17 މިލިއަނަށް ފެނަކައިން ގަތް

ބޭނުންކޮށްފައި ހުރި ދެ މިލިއަން ރުފިޔާގެ ޖަނެރޭޓަރެއް 17 މިލިއަނަށް ފެނަކައިން ގަތް

ކުރީގެ ރައީސް ޞާލިޙް އަދި ފެނަކަ އެމްޑީ ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2025، 08:35

26 ސެޕްޓެމްބަރު 2025، 08:35

 ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެނަކައިން ކުރިން ބޭނުންކޮށްފައި ހުރި ޖެނެރޭޓަރުތަކެއް، އައު ޖެނެރޭޓަރުތަކެއްގެ ގޮތުގައި ގަތުމަށް 17 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2021 އަދި 2022 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ވަނީ ބްރޭންޑް ނިއު އަށް ޖެނެރޭޓަރު ސެޓް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ހަތް އެއްބަސްވުމެއްގެ ދަށުން އެކްސްކޯ ޕްރައިވެޓް ލިމިޓެޑް އަދި އެމްބާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައެވެ.

މި ޖެނެރޭޓަރުތަކުގެ ސީއައިއެފް އަގާއި އިމްޕޯޓް ޑިއުޓީގެ ޖުމްލަ އަގަކީ 2.88 މިލިއަން ރުފިޔާ ކަމަށްވާއިރު، މި ތަކެތި ފެނަކައަށް ވިއްކާލާފައިވަނީ 17.39 މިލިއަން ރުފިޔާއަށެވެ. އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، މި ޖެނެރޭޓަރުތަކަކީ ރާއްޖެ އެތެރެކުރިއިރު ރީފަބިޝްޑް ޖެނެރޭޓަރުތަކެއްގެ ގޮތުގައި ކަސްޓަމްސްއަށް ހުށަހަޅާފައިވާ ތަކެއްޗެވެ.

އެހެންނަމަވެސް، މި ޖެނެރޭޓަރުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުން، ފެނަކައިން ތައްޔާރުކޮށްފައިވާ ޖެނެރޭޓަރު އިންސްޕެކްޝަން ރިޕޯޓުތަކުގައި ވަނީ އެ ކުންފުނިތަކުން ސަޕްލައިކޮށްދިނީ އައު އެއްޗެހި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން ޖެނެރޭޓަރު ސަޕްލައިކުރި ކުންފުނިތަކަށް ނާޖާއިޒު މާލީ މަންފާތަކެއް ލިބިފައިވާ ކަމަށް ވެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން