ޚަބަރު
ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފި

އެއަރޕޯޓުގެ ޓެކްސީ ލައިން
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ މި ބަދަލުތައް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި މި އައު ބަދަލުތަކާއެކު، ހުރިހާ އުޅަނދެއްވެސް އެއަރޕޯޓަށް ވަންނަންޖެހޭނީ އެއަރޕޯޓުގެ އެންމެ ބޭރު މަގުންނެވެ. އަދި އެއަރޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ދުއްވަންޖެހޭނީ ޓެކްސީ މަޑުކުރާ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަރާތުންނެވެ.
ޓަރމިނަލް 1 އަދި ޓަރމިނަލް 2 އަށް މީހުން ގޮވައިގެން އަންނަ އުޅަނދުތަކަށް އެއަރޕޯޓުން ނުކުތުމަށް ކަނޑައަޅާފައިވަނީ ޓަރމިނަލް 1 ގެ ކުރިމަތީގައި އޮންނަ މަގުންނެވެ. އެއަރޕޯޓުގެ ބޭރު މަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއަރޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ދުއްވަންޖެހޭނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަރާތުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމާ ގުޅިގެން، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސްފައިވާކަމެވެ. މި ބަދަލުތައް ގެނެވެމުންދަނީ އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ފަސޭހަ މާހައުލެއް ޤާއިމުކުރުމުގެ މަޤްސަދުގައެވެ.