ޚަބަރު
ޑެންގޫ ހުން ޖެހިގެން އެނދުމަތިކުރަން ޖެހޭ ކުދިން އެބަ ގިނަވޭ: ޑރ ފައިސަލް

ޑެންގޫ ފެތުރެނީ މަދިރީގެ ސަބަބުން.
ޑެންގޫ ހުން ޖެހިގެން އެނދުމަތި ޖެހޭ ކުދިން ގިނަވަމުންދާ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވެއްެޖެއެވެ.
ޑރ. ފައިސަލް އެކްސް ގައި ކުރައްވަވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑެންގޫ ހުން ޖެހިގެން އެނދުމަތިކުރަން ޖެހޭ ކުދިން އެބަ ގިނަވާ ކަމަށެވެ. އަދި އެއާއި އެކު ޑެންގޫ ހުން ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތުގަ އިރުޝާދު ހިއްސާ ކުރައްވައިފައިވެއެވެ.
އެގޮތުން ޑރ ފައިސަލް ހިއްސާ ކުރައްވާފައިވާ އިރުޝާދުތަކުގެ ތެރޭގައި ގިނަ ގިނައިން އަރާމު ކުރުމަށާއި ގިނައިން ދިޔާއެއްޗެހި ބޭނުން ކުރުމަށް ވިދާޅުވެފައިވެއެވެ.
އަދި ހުސް ފެނަށްވުރެ ރަނގަޅީ ލޮނުޕެކެޓް، ކުރުނބާފެން، ޖޫސް ފަދަ ތަކެތި ކަމަށާއި ކޮފި އާއި ކެފެއިން ހުންނަ ތަކެތި ބޭނުން ނުކުރުމަށް އިރުޝާދު ދެއްވައިފައިވެއެވެ.
މީގެއިތިުރުން ހޮޑުލެވޭނަމަ ކަރާފަނި ފަދަ ރަތްކޮށް، ނޫނީ މައިލޯ ފަދަ ކުލަގަދަ ދިޔާއެއްޗެހި ނުބުއިމަށާއި ޕެރަސެޓްމޯލް ނޫނި އެހެން ބޭހެއް ހުމަށާއި ގައިގަ ރިއްސުމަށް ބޭނުން ނުކުރުމަށްވެސް ޑރ ފައިސަލް ހިއްސާ ކުރެއްވެވި އިރުޝާދުތަކުގައިވެއެވެ.
ހުންމަޑުވާއިރުވެސް ބަލިހާތު ބޮޑުވެ ހޭވެރިކަން ނެތުމާއި ކުޑަކުދިން މާގިނައިން ރޯނަމަ، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ، ބޮޑުކަމު ދާއިރު ނަޖިސް، ރަތް ނުވަތަ
ކަޅުކުލާގައިހުރުން، ރަތްކުލައިގެ ބިހިތަކެއް ގައިގައި ނެގުން އަތްފައި ފިނިވުން، މާބޮޑަށް ބަނޑުގައި ރިއްސުން، މާގިނައިން ހޮޑުލެވި ދިޔާއެއްޗެހި ނުބޮވުން ނުވަތަ ހަ ގަޑިއިރު ވާއިރުވެސް ކުޑަކަމު ނުދެވުން ފަދަ ނިޝާނެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކުމަށް އެއިރުޝާދު ތަކުގައި ވެއެވެ. އަދި އެފަދަ ނިޝާނެއް ނެތަސް ހުންއަންނަތާ ތިންވަނަ ދުވަހު ޑޮކްޓަރަށް ދައްކަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.