ޚަބަރު
ދެ ގަޑިއިރު ތެރޭގައި 81 ބިދޭސީން އަތުލައިގަތް ވަަރުގަދަ ރެއިޑެއް

މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންްގެ ތެރެއިން
މިއަދު ހަވީރު ކުރިއަށް ގެންދިޔަ ބޮޑު ރެއިޑް އޮޕަރޭޝަނެއްގައި ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހަވީރު 4:00 އިން 6:00 އަށެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރެއިޑް އޮޕަރޭޝަންގައި ޓާސްކް ފޯސްއިން 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކު ކުރިއެވެ. މި ރެއިޑުގައި އަމާޒުކުރީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށެވެ.
އިމިގްރޭޝަނުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާއި ހިއްސާކުރެވިފައިވެއެވެ. މިއީ މިދިޔަ އާދިއްތަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން ކުރިއަށް ގެންދިޔަ ރެއިޑެކެވެ.
މި އޮޕަރޭޝަންގެ މަޤްސަދަކީ ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމެވެ. އަދި މި ވިޔަފާރިތައް ހިންގާ ބިދޭސީން ޑީޕޯޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 178،982 ބިދޭސީންގެ މައުލޫމާތު ނަގައި، 8،609 މީހުން ވަނީ ޑީޕޯޓުކޮށްފައެވެ. މި އޮޕަރޭޝަން ދަނީ ކާމިޔާބުކަމާއެކު ކުރިއަށެވެ.