ޚަބަރު
ރައީސް ވިލިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު ވިލިފުށީ ކައުންސިލާ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނާއި މުއަައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ވިލުފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ މިރޭ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ވިލުފުށީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށް އެންމެ އިސްކަންދޭންޖެހޭ ކަންކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ސަރުކާރުން އަލަށް އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓުގައި އަސާސީ ޚިދުމަތްތައް ކަމުގައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމަށްފަހު، އެ ޔުނިޓުތައް ޙައްޤުވެރިންނާ އަވަހަށް ޙަވާލުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.
ބައްދަލުވުމުގައި ކައުންސިލުން އެދިވަޑައިގެންފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި، ބަނދަރު އިތުރަށް ފުންކޮށް ފުޅާކުރުމާއި، ކުދި ޑިންގީތަކަށް ވަކި ޖެޓީއެއް ހެދުމާއި، ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި، އާޓިފިޝަލް ބީޗެއް ނުވަތަ ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ރަށުގައި އެކަށީގެންވާ މިންވަރަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެވިފައި ނެތްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ބަނދަރުގެ ދުވާރުގެ މަސައްކަތް ފުރިހަމަކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.