ޚަބަރު
ނާލާފުށީގެ ތަރައްޤީއަށް ބޭނުންވާ 3 މަޝްރޫޢެއް ފައްޓައި ބިންހިއްކުމާ ބަނދަރުގެ މަޝްރޫޢުގައި ސޮއިކޮށްފި

ނާލާފުށީގެ ތަރައްޤީއަށް ބޭނުންވާ 3 މަޝްރޫޢެއް ފައްޓައި ބިންހިއްކުމާ ބަނދަރުގެ މަޝްރޫޢުގައި ސޮއިކޮށްފި
ހުލާސާ
މ.ނާލާފުށީގެ ތަރައްޤީއަށް ބޭނުންވާ 3 މަޝްރޫޢެއް ފައްޓައި ބިންހިއްކުމާ ބަނދަރުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުތައް ފަށައި ބިންހިއްކުމާ ބަނދަރު ހެދުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނާލާފުށީގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި މަޝްރޫޢަކީ ސަރުކާރުން ބާވެފައިވާ ކައުންސިލް އިދާރާތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ) އިންނެވެ. ސަރުކާރުގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާތައް އައުކުރުމެވެ.
ހަމަ މިއާއެކު، ނާލާފުށީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ދާއިރާގެ މެންބަރާއި ކައުންސިލް ރައީސެވެ.
މީގެއިތުރުން މ. ނާލާފުށީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އެސެންޓަރުގެ ބިންގާއަޅައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މިއީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރުމުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މީގެއިތުރުން، ނާލާފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. މިމަޝްރޫޢުގެ ދަށުން އިތުރު 15 ހެކްޓަރުގެ ބިން ހިއްކައި، ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލުކުރެވޭނެއެވެ. މި މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.